Tuesday, 28 July 2026
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވި މުޙައްމަދު މައުރޫފް ޖަމީލް: ފޮޓޯ ފޭސްބުކް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް މުޙައްމަދު މައުރޫފް ޖަމީލު އައްޔަންކުރައްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް މުޙައްމަދު މައުރޫފް ޖަމީލު މިއަދު އައްޔަންކޮށްފިއެވެ. މި ޚަބަރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ މިއަދު ހާމަކޮށްފައެވެ.

މި މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ރޭ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޕީސީބީން ބުނެފައިވާ ގޮތުގައި ފަޒުލްގެ އިސްތިއުފާ ޤަބޫލުކޮށް، މިއަދުން ފެށިގެން އޭނާ ވަނީ އެ މަޤާމުން ވަކިކޮށްފައެވެ.

މައުރޫފަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އާކިޓެކްޓެއްގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ ދިރާސާތައް ކުރައްވާ ބޭފުޅެކެވެ. ހުޅުމާލެ ހިއްކައި ތަރައްޤީކުރުމުގެ މަސައްކަތުގައި ވެސް މައުރޫފު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ފަޒުލް އިސްތިއުފާ ދެއްވާފައިވަނީ ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން އުފެދިފައިވާ ޖަދަލުތަކާ ގުޅިގެންނެވެ. ޝަރުޠު ހަމަނުވާ ފަރާތްތަކަށް ގޯތި ދޫކޮށްފައިވާ ކަމަށް ބުނެ، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ނަން ހިމެނޭ ލިޔެކިޔުންތަކެއް އާންމުވުމާ ގުޅިގެން، ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުތަކެއް ފަޒުލްއަށް ކުރެވެމުން ދިޔައެވެ.

މި ވަގުތު އެޗްޑީސީގެ ޗެއަރމަން އަޙްމަދު ނާޞިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ އެހެން ހުރިހާ މެންބަރުން ވަނީ ސަސްޕެންޑް ކުރެވިފައެވެ. އަދި އެ ފަރާތްތަކުގެ ޕާސްޕޯޓުތައް ވެސް ވަނީ ހިފެހެއްޓިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *