ކޮރަޕްޝަނާއި ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ރައީސް ހިއްސާކުރެއްވި މެސެޖުގައި ވަނީ ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައެއް ހޫނުވެގެން އުޅޭ ދަނޑިވަޅެއްގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް މި މެސެޖު ފޮނުއްވާފައިވެއެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ "ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނެ ކަމަށާއި، ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެން އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ސަސްޕެންޑްކޮށް، ބޯޑުގެ ގިނަ މެންބަރުންނާއި އިސް މުވައްޒަފުން ވެސް ސަސްޕެންޑްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް މުއިއްޒު ވަނީ ކުރިންވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ނިޒާމުގެ ތެރޭގައި އެފަދަ ކަންކަން މަދުކޮށް، ދެފުށް ފެންނަ ސާފު ސަރުކާރެއް ގާއިމުކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށް ވިދާޅުވެފައިވެއެވެ.


