Tuesday, 28 July 2026

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމުގައި އެޗްޑީސީގެ ދައުރެއް ނޯންނާނެ: ފަޒުލް ރަޝީދު

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ދިނުމުގައި އެޗްޑީސީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

މިކަން ފަޒުލް ވިދާޅުވީ، ބިންވެރިޔާ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އެޗްޑީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި މައްސަލައިގައި ފަޒުލްގެ ބޭބެކަމަށްވާ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ނަން ހިމެނޭ ކަމަށް ބުނެވެއެވެ.

ފަޒުލް ރަޝީދު ވިދާޅުވި ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ރަޖިސްޓްރީ ދޫކުރުމާއި، އެއްބަސްވުން ހެދުމާއި، ބިން ހަވާލުކުރުމަކީ އެޗްޑީސީން ކުރާ ކަމެއް ނޫނެވެ. އަދި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިނުމުގެ ބާރު އެޗްޑީސީގައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިހާރު ދައުރުވަމުންދާ ލިޔެކިޔުންތަކަކީ އެޗްޑީސީގެ ޕޯޓަލަށް ހުށަހަޅާފައިވާ ރިކުއެސްޓްތަކެއްގެ ވެރިފިކޭޝަނަށް ހުށަހަޅާފައިވާ، އެ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެ ކުންފުނިން ހައުސިންގ މިނިސްޓްރީއާ ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިޔުންތަކެއް ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ، އެޗްޑީސީގެ ޕޯޓަލަށް ފޮނުވި އެ ރިކުއެސްޓްތަކުގައި އެދިފައިވަނީ ބައުންޑްރީ ވޯލް ޕާމިޓަށް ކަމަށާއި، އޭގެ ވެރިފިކޭޝަނަށް މިނިސްޓްރީގައި އެދުނީ ދެފަރާތަކުން އެއް ޕްލޮޓަކަށް ރިކުއެސްޓު ކުރުމާ ގުޅިގެން އެކަމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުންނެވެ.

މި މައްސަލައިގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި، ފުލުހުންގެ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

މި މައްސަލަ ދަނީ ފުލުހުންނާއި އޭސީސީން ތަޙުޤީޤު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *