Tuesday, 28 July 2026
ހެނބަދޫގެ ގެއެއް ތެރޭ ފެންބޮަޑުވެފައި --- ފޮޓޯ: އެމްއެންޑީއެފް

ވިއްސާރައިގެ ސަބަބުން ހެނބަދޫގެ 75 ގެއަކަށް ބޮޑެތި ގެއްލުންވެއްޖެ

ހެނދުނުން ފެށިގެން ނ. ހެނބަދޫއަށް ބޯކޮށް ވާރޭ ވެހި، 75 ގެއަކަށް ފެންވަދެ، ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން ކުރި ޓުވީޓެއްގައި ވިދާޅުވީ ހެނބަދޫގައި ފެންބޮޑުވެ މީހުން ދިރިއުޅޭ ގެތަކަށް ފެންވަންނާތީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އެންޑީއެމްއޭއިން ވަނީ އެރަށުގެ 75 ގެއަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު 11:15 އިން ފެށިގެން 15:00ގެ ނިޔަލަށް ހއ. އަތޮޅުން އދ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކުގައި ފެންބޮޑުވެފައިވާއިރު ދިއްފުށީގައިވެސް ފެންބޮޑުވެ ގެތަކަށް ވަނީ ފެންވަދެފައެވެ. އަދި މާލެ ސިޓީގައިވެސް ފެންބޮޑުވެފައިވާއިރު، އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ތޮއްޑޫ އާއި ދިއްފުއްޓަށެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *