އައްޑޫ ސިޓީން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ސީމެކްސް ބޯޓުން ފަޅުވެރިއެއް ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި ގެއްލިފައިވާ ފަޅުވެރިއަކީ ނޭޕާލް ރައްޔިތެއް ކަމަށްވާ ރާޖް ކުމާރު އެވެ.
ފުލުހުން އިތުރަށް ހާމަކުރިގޮތުގައި ރާޖް ކުމާރު ބޯޓުން ނެތްކަން އެނގިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑު މަތިން، ފުވައްމުލައް ސިޓީއާ 8 މޭލަށް ކައިރިވެފައިވަނިކޮށް ކަމަށް ބެލެވެއެވެ. އަދި މި ހާދިސާ ހިނގި ސަރަޙައްދުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރާޖް ކުމާރު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ތަޙުޤީޤު ފަށައިފައެވެ.


