މ. ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީގެ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި ވަނީ އެ އިމާރާތުގައި ހިންގި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އެތަނާ ޖެހިގެން ހިންގި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެހެންވެ، އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް، އިއްޔެ ވަނީ އަލުން ހިދުމަތް ދޭން ފަށައިފަ އެވެ.
މި ތިން މިނިސްޓްރީގެ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތް ދެމުންދާގޮތް ބައްލަވައިލައްވާ، އެ މިނިސްޓްރީތަކުގެ މުވައްޒަފުންނާ މިއަދު ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވީހާވެސް އަވަހަށް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީ ހިންގަން ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މުވައްޒަފުންނާ މުޚާތަބުކުރައްވަމުން އެމަނިކުފާނު ވަނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބުނީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއްކަން ފާހަގަކުރައްވާފައެވެ.


