Tuesday, 28 July 2026

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބްލޫ އިކޮނޮމީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، 'ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން' ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ޗައިނާއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުންމިންގ ޗަންގްޝުއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރެއްވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެއަރޕޯޓަށް ވަޑައިގެން ތިއްބެވީ ޔުނާން ޕްރޮވިންސްގެ އިސް ބޭފުޅުންނެވެ. އޭގެ ތެރޭގައި ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން ލުއޯ ހޮންގްޖިއަންގ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮމޯޝަން ސެންޓަރުގެ ވެރިޔާ، ޓާންގް ޔިންގް އަދި ޔުނާން ޕްރޮވިންސްގެ ފޮރިން އެފެއާޒް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވޯންގް ވެއި ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުފުޅަކީ ސީ.އައި.ޑީ.ސީ.އޭ އިން އިންތިޒާމްކޮށްގެން ޑިސެމްބަރު 15 އިން 17 އަށް ބާއްވާ، ދިވެހިރާއްޖެއާއި އެކުގައި ހޯސްޓްކުރާ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމްގައި ބްލޫ އިކޮނޮމީގެ ދާއިރާއިން އިންޑިއަން އޯޝަން ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ބްލޫ އިކޮނޮމީގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އިތުރު އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *