Tuesday, 28 July 2026
Photo: MNDF/President Office

އަލިފާނުގެ ހާދިސާ ތަހުގީގު ކުރަނީ ރާއްޖޭން ބޭރުގެ ޓީމަކާ ގުޅިގެން: ސީޕީ

ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއްގައި ރޯވެ، ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާ ހިނގި ގޮތުގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ސުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގި ގޮތް ދެނެގަތުމުގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، ފުރިހަމަ ތަހުގީގެއް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޓީމާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތް ވުން ކަމަށެވެ.

"ބޭނުމަކީ މިވަރު ބޮޑު އަލިފާނެއްގެ ހާދިސާއެއް އެ ހިނގި ގޮތް، ރައްޔިތުންނަށް ވެސް އެނގެން ބޭނުންވާނެ. ހަމައެއާ އެއްކޮށް ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ޓަކައި ވެސް މިގޮތަށް ހިންގޭ ތަހުގީގުތަކުން ލިބޭ މައުލޫމާތަކީ މުހިންމު މައުލޫމާތަކަށް ވާނެތީ އަޅުގަނޑުމެން އެކަން ކުރާނަން،" ސީޕީ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ފުލުހުންނަށް ހަވާލު ކޮށްފައިވާ ކަމަށާއި ފުލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނައިރު ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެގޮތުން އަލިފާނުގެ ހާދިސާގެ މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި އެވަގުތު އެތަނުގައި ތިބި މީހުންގެ އިތުރުން، އިތުރު މީހުންގެ ފަރާތުންވެސް މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ސީޕީ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *