ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އެ ތަނުގެ ސާވާތައް ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ހެނދުނު ގާތްގަނޑަކަށް 7:30 ހާއިރު، އަމީނީ މަގަށްވާ ގޮތަށް މާފަންނުކޮޅުގައި ހުންނަ ހައުސިން މިނިސްޓްރީގެ އިމާރާތުގައި އަލިފާން ރޯވި އެވެ. އަލިފާންގަނޑު ނިއްވާލެވުނުއިރު، އެ ތަން ވަނީ އަނދައި ހުލިވެފަ އެވެ. މި ހާދިސާގައި ހައުސިން މިނިސްޓްރީއާ އެކު އެ އިމާރާތުގައި ހުންނަ ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް އަނދައިގެން ގޮސް، ކައިރީގައި ހުރި ތިން އިމާރާތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، ހާއްސަކޮށް ހައުސިން މިނިސްޓްރީގެ ސާވާ ސަލާމަތްނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
"އެހެންވެއްޖެ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެ ދިޔައީ. ވަރަށް ގިނަ، ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އަޅުގަނޑުމެން ކުރަމުންގެންދިޔަ ހުރިހާ މަޝްރޫއުއެއްގެ މައުލޫމާތެއް ވެސް ރައްކާކުރެވިފައި ހުންނާނީ ސާވާގައި. ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވާ ނަމަ އެ މައުލޫމާތު އަލުން ހޯދޭނެ ގޮތެއް ނޯންނާނެ" މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ހުރިހާ ލިޔެކިޔުމެއް ވެސް އަނދައި ހުލިވި ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ހައިދަރު ވިދާޅުވި އެވެ.
ނަމަވެސް، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭނެ ކަމަށް ނެރުނު ލިސްޓް ރައްކާކޮށްފައިވަނީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ކަމަށްވުމުން، އެ ލިސްޓު ސަލާމަތުން އޮތް ކަމަށާއި އެ މައުލޫމާތަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ.


