ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި، މިއަދު އެންމެން އެކުގައި ފަހަތަށް ނުޖެހި މި ސަރުކާރާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސޯލިހް ވިދާޅުވީ، ރައްޔިތުން ނުކުމެ އަޑުއުފުލައިފިނަމަ، ސަރުކާރުން ރައްޔިތުންގެ އަޑު އަހަން މަޖުބޫރުވާނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ އަޅުގަނޑުމެންގެ ތެރެއިން އެންމެން ކުރަންވީ ކަމަކީ، ފަހަށް ނުޖެހި ނުކުންނަންވީ. އަޑުއަހަން މަޖުބޫރުވާނެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން މަޖުބޫރުވާނެ. އަޅުގަނޑުމެން ނުވާނެ ފަހަތަށް ޖެހިގެންނެއް. ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި. އެމްޑީޕީ މިއަދު މިއޮތީ ތިޔަ ރައްޔިތުންނާ އެކީގައި. މި ހައްގުތައް ހޯދައިދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް،" ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން، ސޯލިހް ވިދާޅުވީ މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށާއި ރައްޔިތުން ދަތި އުނދަގޫ ދުވަސްތަކެއް ތަހަންމަލު ކުރަމުންދާ ކަމަށެވެ. އަދި ދަތި އުނދަގޫ ހާލަތަކާ ދިމާ ނުވާ އެއްވެސް ރައްޔިތަކު މިހާރު މި ގައުމުގައި ނެތް ކަމަށް ސޯލިހް ވިދާޅުވިއެވެ.
މި ޖަލްސާގައި އެމްޑީޕީގެ އިސް މެންބަރުންނާއި ގިނަ އަދަދެއްގެ ޕާޓީގެ މެންބަރުން ބައިވެރިވިއެވެ.


