ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތައް އިންޑިއާ ސަރުކާރުން 8.5 މިލިއަން ރުފިޔާ ދީފައި ވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އައްޑޫ ސިޓީ ކެމްޕަސްގައި ބޭއްވި 37 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ މިކަމުން ދައްކުވައިދެނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ކަމަށެވެ.
"މިރޭ އަޅުގަނޑު އުފަލާއެކު އިއުލާނުކުރަން އިންޑިއާ ސަރުކާރުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އާޑޯ ކެމްޕަސް އާރާސްތުކޮށް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން 8.5 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދެއްވުމަށް ނިންމަވާފައިވާ ކަން." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޒަމާންތަކަކަށް ދެމިގެން ގޮސްފައި އޮތް ޑްރަގުގެ ވަބާ އިން ރާއްޖެ އެއްކޮށް ސަލާމަތްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުލުހުންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ގޭންގުތައް ހަދައިގެން ކުށްތައް ކުރުން އެއްކޮށް ހުއްޓުވުމަކީ ދެކެން ބޭނުންވާ ދުވަސް ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން ނިމިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ ޑްރަގު މުޖުތަމައުގެ ތެރެއަށް ދައުރުވިޔަ ނުދީ ހުއްޓުވާފައި ވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ 37ވަނަ އަސާސީ ތަމްރީނު ކޯހުން ޖުމްލަ 171 އޮފިސަރުން ވަނީ ދަސްވެނިވެފަ އެވެ. އެ ކޯހުން އެންމެ މޮޅު ދަރިވަރު، ޕޮލިސް ކޮންސްޓަބަލް ހަސަން ޝާމިލަށް ކޮމިޝަނާ އެކްސެލެންސް އެވޯޑު ވަނީ އަރުވާފަ އެވެ.


