Tuesday, 28 July 2026

ފުލުހެއްގެ ގައިގައި ޖަހާ، ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފި

ފުލުހެއްގެ ގައިގައި ޖަހާ، ދަތް އެޅި މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ރޭ ފުލުހުން ބުނީ މާރާމާރީ ހިންގުމާއި އާންމު އުނދަގޫކުރުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ވ. ހަފޮޅު/މާލެ، ފާތިމަތު ،44، ކަމަށެވެ.

އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ މާރާމާރީ ހިންގުމާއި އާންމު އުނދަގޫކުރުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށެވެ.

އަދި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.

މި މީހާގެ މައްޗަށް ކުރި ބަންދު އަމުރުގައި ކޯޓުން ބުނެފައިވާ ގޮތުން އޭނާ އަކީ އާންމުކޮށް މަސްމާރުކޭޓުގެ ކެފޭއަކަށް ވަދެ އާންމުންނަށް އުނދަގޫކުރާ މީހެއް ކަމަށާއި އަދި ފުލުހުން އޭނާ ހައްޔަރުކުރި ދުވަހު ވެސް އެގޮތަށް އުޅެފައިވާ ކަމަށެވެ.

އަދި އެ ދުވަހު އޭނާ ހުއްޓުވައި ނަސޭހަތްތެރިވާން އުޅުމުން ފިލަން މަސައްކަތްކޮށް ފުލުހެއްގެ ގައިގައި ޖަހައި ދަތް އެޅި ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ބޯ ސަކަރާތް މީހެއް ކަމަށެވެ. އަދި އޭނާ ފުލުހެއްގެ ގައިގައި ޖެހި ކަމެއްވެސް ދަތް އެޅުނު ކަމެއްވެސް ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *