ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު 50 އަހަރުގެ ޒަކިއްޔާ މޫސާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައި ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޒަކިއްޔާ މަރާ ގުޅިގެން އެ ރަށު މީހުން ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ޒަކިއްޔާ އަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ބުނެ ހޮޅުދޫ ގައި ކަންބޮޑުވުން ފާޅުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި އިހުތިޖާޖުވެސް ކޮށްފައިވެ އެވެ. ފުލުހުންގެ ތަހުގީގަށް ހޯދުނު މައުލޫމާތު ހިއްސާނުކުރާ ކަމަށް ބުނެވެސް އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރި އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޑޮކްޓަރުގެ ބަހުން ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަން އެނގޭ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އޭނާ މަރާލިކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށް ސާމިހު ވިދާޅުވިއެވެ.
"ސީނުން ފެނުނު ވަޅީގައި ލޭގެ އަސަރު ނެތް ކަމަށްވެސް ވާހަކަ ދެކެވޭއިރު ވަޅީގައި ގިނަ އަދަދަކަށް ލޭހުރިކަން ތަހުގީގަށް ފާހަގަކުރެވޭ، އެ ވަޅިއަކީ ގޭގެ ބަދިގޭގައި ބޭނުންކުރާ ވަޅިއެއްކަން ފާހަގަކުރަން" ސާމިހު ވިދާޅުވި އެވެ.
އަދި ޒަކިއްޔާ ލައިގެން ހުރި ހެދުމުގައިވެސް ލޭ ނެތް ކަމަށް ބުނާ ވާހަކަތައްވެސް ސާމިހު ދޮގުކުރި އެވެ.
"ހެސިޓޭޝަން މާކު އެބަހުރި. ތިލަކޮށް ކަރުގައި ހުރި ޒަޚަމް އެއީ ޑޮކްޓަރުންގެ ރައުޔުން ބުރަވެވެނީ އެއީ ހެސިޓޭޝަން މާކު ކަމަށް،" ސާމިހު ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، ތަހުގީގުގެ ބޭނުމަށް ވަޅީގެ ތަހުލީލުތައް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުގެ ހެނދުނެވެ.


