ކޮޕީރައިޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހު މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ. އަދި ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުން ކޮޕީރައިޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގެންފައި ވަނީ ޖުލައި ނުވައެއްގައެވެ.
އެ ބިލު ހުށަހެޅުމުގެ ބޭނުމުގެ ތެރޭގައި އެ ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާ ގުޅޭ އެނޫންވެސް ހައްގުތަކާގުޅޭ ކަންކަން އިތުރަށް ތަފްސީލްކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ އިސްތިސްނާ އާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާއާއި ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްނާ ހިމެނޭހެން ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ ނުވަތަ ބޭނުންކުރެވޭނެ އިތުރު ހާލަތްތައް ކަނޑައެޅުން ހިމެނެ އެވެ.
މި އިސްލާހުގެ ދަށުން ކޮޕީރައިޓަޑް އުފެއްދުންތަކަށް ހިމާޔަތް ލިބޭ މުއްދަތު 50 އަހަރުގެ ބަދަލުގައި 70 އަހަރަށް ވަނީ އިިތުރުކޮށްފައެވެ. އަދި ކޮޕީރައިޓްްއާ ގުޅޭ އެނޫން ވެސް ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ބައެއް ދަތިތައް ހައްލުކުރުމަކީ އެ ބިލުގެ މަގުސަދެކެވެ.
އިގްތިސޯދީ ކޮމިޓީން ކުރި ދިރާސާއަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ 57 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނުގެ ދަށުން ހިމާޔަތްކޮށްދީފައިވާ ހައްގަކަށް އަރައިގެންފިނަމަ އަދަބުގެ ގޮތުގައި އޭގެ ކުޑަބޮޑު މިނަށް ބަލައި 50،000 ރުފިޔާއާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް އިސްލާހުގައި ވަނީ ހިމަނައިފައެވެ.


