ސިއްހީ ހާލުކޮޅު ހުރި ގޮތުން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާތީ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މިނިސްޓަރު ރަމީލާ އިސްތިއުފާ ހުށަހެެޅުއްވީ ސިއްހީ ހާލުކޮޅު ހުރިގޮތުން ކަމަށެވެ. އަދި އެކަމަނާގެ އިސްތިއުފާ ގަބޫލުފުޅުކުރައްވާފައިވާ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.
މިނިސްޓަރު އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ ރަމީލާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މިނިސްޓަރު ރަމީލާ މަޤާމާ ހަވާލުވެ ވަޑައިގެންނެވި އިރުވެސް ގެންދެވީ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ
ރަމީލާގެ އިސްތިއުފާ ގަބޫލު ކުރައްވައި ރައީސް ވިދާޅުވީ، އާލާސްކަންފުޅުގައި އުޅުއްވަމުންވެސް، މަގާމުގެ ހައިސިއްޔަތުން، ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވިމަގުން، މި ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވުމަށް، ދެއްވި އެއްބާރުލެއްވުމަށާއި، ތެދުވެރިކަމާއި ވިސްނުންތެރިކަމާއެކު، ސަރުކާރަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.
އަދި ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުރިއަށް އޮތްތާނގައިވެސް އޭނާގެ ހިދުމަތް ދިވެހި ގައުމަށް ލިބޭނެކަން ޔަގީން ކުރައްވާ ކަމަށް ވިދާޅުވިއެވެ.


