Tuesday, 28 July 2026
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު

ސަރުކާރުން "ޑަބަލް ޕެންޝަން" އުވާލަން ނިންމައިފި

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތުގެ ތެރެއިން، "ޑަބަލް ޕެންޝަން" ލިބޭ އިދާރާތަކުން އަލަށް ރިޓަޔަރވާ މުވައްޒަފުންނަށް ކޮންމެ މަހަކު ދެމުން އައި އެލަވަންސް ކަނޑާލަން ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ތަންފީޒުކުރަން ފަށާނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އައު އުސޫލުގެ ދަށުން މަހުން މަހަށް ދެމުންދިޔަ އެލަވަންސް ހުއްޓާލެވޭނެއެވެ. ނަމަވެސް ރިޓަޔަރކުރާއިރު ގަނޑުކޮށް ދެމުންދާ ފައިސާ ދިނުން ކުރިއަށް ގެންދެވޭނެއެވެ.

ޑަބަލް ޕެންޝަނަކީ ސަރުކާރުގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ އިތުރުން، ބައެއް ސަރުކާރު އިދާރާތަކުން ހިންގާ އިތުރު ސްކީމްތަކުގެ ސަބަބުން ބައެއް މުވައްޒަފުންނަށް ދައުލަތުގެ ޚަރަދުގައި ދެ ޕެންޝަނެއް ލިބޭ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ދައުލަތުގެ ޚަރަދު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

ވޯލްޑް ބޭންކުން ވަނީ ރާއްޖޭގެ ޕެންޝަން ނިޒާމު ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫންކަމަށާއި، ޤައުމުގެ އިޤްތިޞާދީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ޑަބަލް ޕެންޝަން އުވާލަންޖެހޭކަމަށް ބުނެފައެވެ. މި ބަދަލާއެކު، ސަރުކާރުން އަންނަ އަހަރު އިތުރު އިޞްލާޙީ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *