ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް، އަދި ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ހަމައަށް ވައިޓް އެލާޓެއް ނެރެފިއެވެ. މޫސުމާބެހޭ އިދާރާއިން މިއަދު ނެރުނު އިންޒާރުގައި ބުނެފައިވަނީ މި ސަރަޙައްދުތަކުގައި ވިލާގަނޑު ގަދަ ވިއްސާރައާއި ވަޔާއި ގުގުރާނެ ކަމަށެވެ.
މި އިންޒާރު ދެމިއޮންނާނީ މިއަދުގެ ހެނދުނު 6:35 އިން މެންދުރުފަހު 12:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި 19 އިން 24 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކޮޅިގަނޑުގައި 45 މޭލަށް ވައިގަދަވެދާނެކަމަށް ވެސް އިދާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން މި ސަރަޙައްދުތަކުގެ ކަނޑު ގަދަވެ، އުދައަރާނެ ކަމަށް ވެސް އިންޒާރުގައި ބުނެފައިވެއެވެ. މި ހާލަތާ ގުޅިގެން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ސަމާލުވުމަށް އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވިއްސާރަކޮށްފައެވެ.
އެގޮތުން އެންމެ ގިނަައިން ވާރޭވެހުން ރަށްތައް މެޓުން އާންމު ކޮށްފައިވާއިރު، ކާޑެއްދޫ ފާއިތުވި 24 ގަޑިއިރު 28.4 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގއ. ގެމަނަފުއްޓަށެވެ. އެއީ 20.3 މިލިމީޓަރުގެ ވާރޭއެެވެ.
ތިންވަނައަށް އެންމެ ގިނައިން ގދ. ފަރެސްމާތޮޑާއަށް ވާރެ ވެހިފައިވާއިރު، ހަތަރު ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މެޓުން ހާމަކޮށްފައިވަނީ ރ. އިފުރަށެވެ. އެއީ 12.0 މިލިމީޓަރުގެ ވާރޭއެވެ.


