އެމްއެމްއޭއިން އެކުލަވާލާ ބޭރު ފައިސާއާ ބެހޭ ބިލުގެ ސަބަބުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރުގެ އަދަދު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލުގައި ޓޫރިޒަމް ނޫން އެހެން ދާއިރާތަކުން ވެސް ވަކި އަދަދަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، އެ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވާ ކަމަށެވެ.
މީގެ އިތުރުން، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް މި ބިލުގައި ހިމެނިފައިވާ ކަމަށާއި، މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، 2025 ޖުލައި މަހުން ފެށިގެން ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި 2026 ގެ ފުރަތަމަ ކުއާޓަރުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރުގެ އެލަވަންސް 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި، ހަމަ އެ މުއްދަތުގައި ކްރެޑިޓް ކާޑު ލިމިޓްތައް ވެސް ބޮޑުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްއެމްއޭ އިން "ބޭރު ފައިސާއާބެހޭ ބިލް"ގެ ނަމުގައި ގާނޫނެއް އެކުލަވާލުމަށްޓަކައި، އާންމުންގެ ހިޔާލަށް ރޭ ހުޅުވަާލުމުން، މިހާރު އޮތް ގަވާއިދުގެ ދަށުން ބޭންކުތައް މެދުވެރިކޮށް މާރުކުރަންޖެހޭ ޑޮލަރުގެ އަދަދުތަކަށް ލުއިތަކެއް ދީފައިވާ ކަމުގެ އަޑުތައް ފެތުރުނެވެ.
އެކަމާ ގުޅިގެން އެމްއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ މިހާރު އޮތް ގަވާއިދަށް ގާނޫނީ ބާރު ދިނުމަށް ގާނޫނެއް އެކުލައިލުން ފިޔަވައި، އެއްވެސް ލުޔެއް ދީފައެއް ނުވާނެ ކަމަށެވެ.


