Tuesday, 28 July 2026

މަޖިލިސް އިދާރާގެ އެންމެ އިސް ތިން މަގާމުގައި ތިއްބެވި ބޭފުޅުންގެ މަގާމުތައް ދަމަހައްޓަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް އިދާރާގެ އެންމެ އިސް ތިން މަގާމުކަމަށްވާ އަމީން އާއްމާއި، ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަގާމުގައި މިހާރުވެސް ތިއްބެވި ބޭފުޅުންގެ މަގާމުތައް ދަމަހައްޓަން މަޖިލީހުގެ އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ.

އެބޭފުޅުން މަޤާމުތަކުގައި ބޭތިއްބުމަށް ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައެވެ.

އެ ތިން މަގާމުގައި މިވަގުތު ތިއްބަވާ ބޭފުޅުންނަކީ:

  • އަމީންއާއްމު: ފާތިމަތު ނިއުޝާ
  • ކައުންސެލް ޖެނެރަލް: ފާތިމަތު ފިލްޒާ، މަގާމަށް އައްޔަނުކުރެއްވީ 18 ޑިސެމްބަރު 2012ގައި
  • ސާޖެންޓް އެޓް އާމްސް: މޭޖާ ޖެނެރަލް ރިޓަޔާޑް ތަލްހަތު ހަސަން، މަގާމަށް އައްޔަނުކުރެއްވީ 27 މާޗު 2024ގައި

މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ އަލަށް އެކުލަވާލާ ކޮންމެ މަޖިލީހެއް އިންތިހާބުވެ މަސައްކަތް ފެށުމަށް ފަހު ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު އެ ތިން މަގާމަށް މަޖިލީހުން ބޭފުޅުން އައްޔަންކުރަންވާނެ ކަމަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އަމީންއާއްމު، ނިއުޝާގެ މަގާމު ދަމަހައްޓަން 79 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ކައުންސެލް ޖެނެރަލް، ފިލްޒާގެ މަގާމު ދަމަހައްޓަން ނެގި ވޯޓުގައި 80 މެންބަރުންގެ އިއްތިފާގުން ވަނީ އެ މަގާމު ދަމަހައްޓަން ފާސްކޮށްފައެވެ. އަދި ސާޖެންޓް އެޓް އާމްސް، ތޮލްހަތުގެ މަގާމު ދަމަހައްޓަން 80 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މިއަދު ވިދާޅުވީ އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރަން ނިންމާފައިވަނީ މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް އަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތް ކުރެއްވުމަށް ފަހު ކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *