Tuesday, 28 July 2026

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ބާޠިލުކުރަން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހަކީ ޤާނޫނުއަސާސީއާ ޚިލާފު އިސްލާހެއް ކަމަށް ބުނެ، އެ އިސްލާހު ބާޠިލުކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިކަން ހާމަކުރައްވަމުން، އަލީ ހުސައިން ވިދާޅުވެފައިވަނީ މި އިސްލާހަކީ ޤާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާއި އަދި ޤާނޫނުއަސާސީގެ މުޅި އޮނިގަނޑާވެސް ޚިލާފު އިސްލާހެއް ކަމަށެވެ.

މި އިސްލާހުގައި ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކޮށްގެން އިންތިޚާބުވުމަށްފަހު، އެ މެންބަރަކު އިންތިޚާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އަމިއްލަގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިޚާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުންވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި އިސްލާހު ހުށަހެޅުއްވި ދުވަހު، އެ ދުވަހުގެ ތެރޭގައި ބަހުސްކޮށް ފާސްކުރެވި، އަދި ހަމަ އެރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އިސްލާހު ތަޞްދީޤު ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *