ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމުތައް އުކާލައި މިސްކިތަށް ރޭ ގެއްލުން ދީފި އެވެ.
ޝައިހް އާދަމް ނިޝާން އަލީ އާދަމް ފޭސްބުކްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓުގައި ރޭ ފަތިސް ނަމާދުގެ ކުރިން ފުރުގާން މިސްކިތުގެ ފަހަތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެ އަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ހަލާކުކޮށްލާފައިވާ ކަމަށެވެ.
އޭގެ އިތުރުން ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް އެއްޗެހި އެ ތަނަށް އުކާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނިޝާން ވިދާޅުވީ އެ މައްސަލަ ފުލުހަށް ރިޕޯޓުކުރުމުން ފޮރެންސިކް ފުލުހުން އެ ތަނަށް ގޮސް ފޮޓޯ ނަގާފައިވާ ކަމަށެވެ.
ނިޝާން ވިދާޅުވި ގޮތުގައި އެކަން ކޮށްފައިވަނީ ނަމާދު ގަޑިތަކުގައި އެ މިސްކިތް ތެރޭގައި ނިދާފައި އޮންނަ 'ބުއްދި ފިލާ' ގޮސްފައިވާ ޒުވާނެކެވެ. މީގެ ކުރިން އެތައް ފަހަރަކުވެސް އޭނާ މިސްކިތުގެ ހަތިމުތައް އުކާލުމާއި އެފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުރުގާން މިސްކިތައް ގެއްލުން ދިން މައްސަލައެއްގެ ރިޕޯޓް މިއަދު ހެނދުނު ލިބުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


