ރޭ އިރުއޮއްސި 6:30 ހާއިރު ހުޅުމާލޭގައި ތޫނު އެއްޗަކުން ފުލުހަކަށާއި ޢާއްމުންގެ މީހަކަށް ހަމަލާދޭން އުޅުނު މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހަކަށް ހަމަލާދޭން މަސައްކަތްކޮށްފައިވަނީ އދ. ދަނގެތި، ލިލީގެ ހުސައިން ފާއިގް (33އ) އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ހުޅުމާލޭ މިސްކިތެއްގެ މުދިމަކަށް ޙަމަލާ ދިނުމަށެވެ. އަދި އޭނާ ހުއްޓުވަން އުުޅުނު ފުލުސް މީހާއަށް ވެސް ތޫނު ހަތިޔާރުން ހަމަލާ ދޭން އޭނާ އުޅުނު ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
ހަމަލާދޭން އުޅުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވިޑީއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އެމީހާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވެ އެވެ.
އެ ހާދިސާގެ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


