އެއްވެސް މަޝްވަރާއެއް ވެސް ނެތި މިހާރުގެ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ގާނޫނުއަސާސީއަށް ގެންނަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހުތަކާއެކު ދައުލަތުގެ ތިން ބާރު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުށުތެރެއަށް ލައްވައިފި ކަމަށާއި އެ ހިސާބުން ފެށިގެން ރާއްޖެ އަށް ޑިމޮކްރަސީގެ އިރު އޮއްސިގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވަނީ ގާނޫނު އަސާސީއަށް އިއްޔެ ގެނައި އިސްލާހުތަކާއި ގުޅިގެން ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އެއީ ރާއްޖޭގައި ޑިމޮކްރަސީގެ 'އިރުއޮއްސިގެން' ދިއުންކަމުގައި ސިފަކުރައްވަމުން ޝާހިދު ވިދާޅުވީ މަޖިލީހުން ފާސްކުރި އިސްލާހުތަކަކީ ޑިމޮކްރަޓިކް ހަމަތަކަކުން ކުރިއަށް ދިޔަ ކަންކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ މުޅި މަފްހޫމަކީ ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށާއި އިއްޔެ ގަނައި ބަދަލުތަކާ މެދު ރައްޔިތުން ދެކޭ ގޮތް ހާމަކުރުމުގެ ފުރުސަތު ދޭންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.
"އިއްތިފާގެއް ކަންނޭނގެ، އިއްޔެ ރައްޔިތުންގެ މަޖިލީހުން އެ ބަދަލު ގެންނެވިކަން، ވޯޓު ނަގައި އިއުލާނު ކުރެއްވި ވަގުތު އިއްތިފާގު ވެގެން ދިޔައީ އިއްޔެގެ އިރު އޮއްސި މަގުރިބު ނަމާދަށް ގޮވި ވަގުތާ،" ޝާހިދު ވިދާޅުވި އެވެ. "އަޅުގަނޑަށް ސިފަ ކުރެވުނީ އިރު އޮއްސިގެން އެ ދިޔައީ ހަމައެކަނި އިއްޔެގެ އިރެއް ނޫނޭ، ރާއްޖެއަށް ރާއްޖޭގެ ޑިމޮކްރެސީގެ އިރު ވެސް އޮއްސިގެން އެ ދިޔައީއޭ، އެ ރަމްޒުވެގެން އެ ދިޔައީ."
ރާއްޖޭގައި މަޝްވަރާގެ އުސޫލުން ކަންކަން ކުރުމުގެ ވައްޓަފާޅިިއެއް ހިންގަން ފެށީ 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހާއި ހަމައިންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ މިހާރު ގާނޫނުއަސާސީއަށް ގެނަައި ބަދަލުތަކަކީ އެ މަގުން ދިޔަ ކަންކަމެއް ނޫންކަމަށާއި ބޭނުންވާ ހުރިހާ ގޮތަކަށް ކަންކަން ކުުރުމަކީ ޑިމޮކްރަސީއެއް ނޫންކަމަށެވެ.


