Tuesday, 28 July 2026

ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުތަކަކީ ރައްޔިތުންގެ މަޞްލަޙަތުގައި ނިންމުނު މުހިންމު ނިންމުންތަކެއް: ރައީސް

ރައްޔިތުންގެ މަޖިލީހުން އިއްޔެ ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ނިންމި މުހިންމު ނިންމުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަޖިލީހުން ފާސްކުރި އިޞްލާޙުތަކުގެ ތެރޭގައި މެންބަރުން ޕާޓީ ބަދަލުކުރުމުން ވަގުތުން ގޮނޑި ގެއްލޭގޮތަށް ހެދުމާއި، ރާއްޖޭގައި ބޭރު ޤައުމެއްގެ އަސްކަރީ ބައެއް ބޭތިއްބޭނީ މަޖިލީހުގެ ހުއްދައާއެކު ކަމަށް ކަނޑައެޅުމާއި، ރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލެވޭނީ މަޖިލީހުގެ ފާސްކުރުމާއެކު ކަމަށް ކަނޑައެޅުން ހިމެނެއެވެ.

މި އިޞްލާޙުތަކާ ގުޅިގެން ނެރުއްވި ވީޑިއޯ މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ މިއީ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ތަރައްޤީއާއި އަދި ހަމަޖެހުމަށްޓަކައި ޤައުމީ ރޫޙެއްގައި ނިންމި ވަރަށް މުހިންމު ނިންމުންތަކެއް ކަމަށެވެ.

މި އިޞްލާޙުތައް ހިމެނޭ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. އަދި މަޖިލީހުން މި ބިލުގެ މަސައްކަތް ނިންމާފައިވަނީ އެންމެ ހަތަރު ގަޑިއިރުގެ ތެރޭގައެވެ. ނަމަވެސް، ބާ ކައުންސިލުން މި ބިލަށް ޚިޔާލު ހުށަހެޅުމަށް ފުރުޞަތަކަށް އެދިފައިވަނިކޮށް މަޖިލީހުން މި ބިލުގެ މަސައްކަތް އަވަސްކޮށްލާފައިވާކަން ފާހަގަކުރެވެއެވެ.

މި ބިލު ރޭގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޞްދީޤުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *