ބޭހުގެ ވިޔަފާރިކުރާ ދެ ތިން ތަނަކުން ފިޔަވައި، ބޭސް ވިއްކުމުގެ ވިޔަފާރިކުރާ ގިނަ ތަންތަނުން ސަރުކާރުން ކަނޑައެޅި އަގުތަކުގައި ބޭސް ދޫކުރުމަށް އެއްބާރުލުންދޭ ކަމަށް، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ގެނައި ބަދަލާ އެކު، ބައެއް އަމިއްލަ ފާމަސީތަކުން އެ އަގުތަކަށް ބޭސް ވިއްކަން ދެކޮޅު ހަދަމުންދާ ކަަމަށެވެ. ނަމަވެސް ގިނަ ފާމަސީތަކަކުން އެއަގުތައް ބަލައިގަނެ އެއަށް އަމަލުކުރަމުން އަންނަކަން ހީނާ ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ރާއްޖެ އޮންނަ ދެކުނު އޭޝިއާގެ ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާއިރު ބޭހުގެ އަގު ރާއްޖޭގައި 15 ގުނަ މަތި ކަމަށެވެ. ބައެއް ހާލަތްތަކުގައި 300 ޕަސެންޓު ބޮޑުކޮށް، ބޭސް ވިއްކާ ބައެއް ތަންތަނުން ބޭސް ވިއްކަމުންދާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
"އަދިވެސް އެބަ ފާހަގަކުރެވޭ ބައެއް ފަރާތްތަކުން މި އަގުގައި ބޭސް ވިއްކުމަށް އިއުތިރާޒު ކުރަމުންދާކަން. އެހެންނަމަވެސް، އާސަންދަ މެދުވެރިކޮށް މި ބޭސްތައް އެސްޓީއޯގެ ހުރިހާ ފާމަސީތަކުން ލިބެން ހުންނާނެ." ހީނާ މިއަދު ވިދާޅުވިއެވެ.
ބޭހުގެ އަގަށް ސަރުކާރުން ގެނައި ބަދަލާއެކު މިހާރު 10 ބޭހެއް ރާއްޖެ އެތެރެކޮށް އެތަކެތި ވިއްކަމުން އަންނަކަންވެސް ހީނާ ވަނީ ފާހަގަކުރައްވާފައެވެ.


