މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ ދެ މަގާމަށް މެންބަރުން އައްޔަން ކުރުމަށް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައިވަނީ އެ ފުރުސަތު ހުޅުވާލަނީ ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މުއްދަތު ހަމާވާތީ ކަމަށެވެ. އެ ކޮމިޝަންގެ މެންބަރުކަމުގެ ކުރިމަތިލެވޭނީ އިއްޔެއިން ފެށިގެން މިމަހުގެ 26ވާ އަންގާރަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.
އަދި މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މަގާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުންނެވެ.
ބްރޯޑްކޮމްއަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި:
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން
- ސިވިލް ސާވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން
- ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން.
ބްރޯޑްކޮމް އަސް ދެ މެންބަރު ހޯދުމަށް މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ އިރު، އެންމެ އަވަހަށް މެންބަރު ކަމުގެ މުއްދަތު ހަމަވަނީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރެވެ. އެ ދެ ބޭފުޅުންގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 5 ގައި ހަމަވާނެއެވެ.


