އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ޚިދުމަތް ދިނުމުގައި ގެނައި ބަދަލާއެކު 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ޒަމީރު އެހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ، އާސަންދައަށް އެފަދަ ބަދަލުތައް ގެނައީ އިސްރާފު ކުޑަކޮށް، އެންމެ ބޭނުންޖެހޭ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ގޮތަކަށް ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ރިފޯމްކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަ އަށް އިޝާރާތްކުރައްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެސްއޯއީ ރިފޯމްކުރުން މާ ބޮޑަށް ލަސްވެފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ އަހަރުތަކެއްގެ ކުރިން މާލީ ގަވާއިދުގެ ތެރެއިން މިނިސްޓްރީއަކުން ނުވަތަ ޑިޕާޓްމަންޓަކުން ހަރަދުކުރަން ޖެހިއްޖެނަމަ އެއީ އުނދަގޫ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެސްއޯއީތަކުގެ މައިގަނޑު ބޭނުމަކަށްވެފައި އޮތީ ހަރަދުކުރުން ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން ކުރިން މި ދެންނެވިހެން ލީކޭޖް ރަނގަޅުކޮށްގެން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 500 މިލިއަނާ ގާތަށް ސޭވް ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ދައްކާ. އެހެންވީމަ މިއީ ކުރެވޭނެ ކަމެއް،" ޒަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ ބަޖެޓުގެ ރިކަރެންޓު ޚަރަދުގެ 5.1 އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ހޭދައެވެ.
އުމުރުން ދުވަސްވީ މީހުންގެ އެލަވެންސާއި ޕެންޝަނަށް ބަދަލު އަންނަ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަޖެޓްގައި ގެނެސްފައިވަނީ މިހާރު ޑަބަލް ޕެންޝަން ލިބޭ ސްކީމްތައް ރިފޯމްކުރުމުގެ ވާހަކަ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޕީއެސްއައިޕީ މަޝްރޫއުތައް ވަކިން ނެތްކަން މެންބަރުން ފާހަގަކުރަމުންދާތީ އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މަޝްރޫއު ލިސްޓެއް ބާއްވާ, ކުޑަ އަދަދެއް ޖަހާފައި މަޝްރޫއުތައް ފެށުމުން ކުރިއަށް ނުގޮސް, ހުންނަނީ ޕައިޕްލައިންގައި ކަމަށެވެ. އަދި ބަޖެޓް ނެތިގެން ނުވަތަ ކޭޝް ފްލޯ ނެތިގެންވެސް އެކަން ދިމާވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.


