ކުރިއަށް އޮތް ރަމަޟާންމަހު ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ޚަރަދުގައި މަސްދަޅު ކޭހެއްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރަށް އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި "ހަފުތާ 52 ފާހަގަ ކުރުމުގެ ރަސްމިއްޔާތު"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނީ ކާޑުގެ ބާވަތްތައް ކަމަށެވެ. އެކަމަކު، ކުރިއަށް އޮތް ރޯދަ މަހު ކާޑުގެ ބަދަލުގައި ކޮންމެ ގެއަކަށް ހިލޭ މަސް ކޭހެއް ދިނުމަށް މިފްކޯއަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ރޯދަމަހު 82 ހާސް ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ފޯރުކޮށްދެވުނު ކަމަށެވެ. އެގޮތުން މި އަހަރު ސަރުކާރުގެ ހަރަދުގައި ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކޮށްފައިވާއިރު މިއީ ރޯދަމަހާ ދިމާކޮށް ހަނޑުލާއި ފުށް ބެހި ފުރަތަމަ ފަހަރެވެ.
މިދިޔަ ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.


