މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކޮށް، ލައިސަންސް ބާތިލް ކުރުމުގެ ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ދެއްވައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި ބްރޮޑްކާސްޓިން ކޮމިޝަން އުވާލައި، "މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލިހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މި ބިލް އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އާއި އެމްއެމްސީން ވަނީ "ހަތަރެއްގެ ހައްގުގައި" ނަމުގައި ކެމްޕެއިނެއް ފަށައިފަ އެވެ.
މި ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވާ ނޫސްވެރިން މިއަދު ވަނީ އޭޖީ އުޝާމާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލާ ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމާ ގުޅިގެން އެޓާނީ ޖެނެރަލް އޮފީހުން ބުނީ، މި ބިލާ ގުޅޭ ގޮތުން ހުރި ޝަކުވާތައް އަޑުއަހައި، ނޫސްވެރިންގެ ކަންބޮޕޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީން ކަން ދީފައިވާ ކަމަށެވެ.
އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ޖަމިއްޔާއިން ދެކޭ ގޮތުގައި ބިލުގެ ސަބަބުން ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ގޮސް ނޫސްވެރިންގެ މަސައްކަތަށް ބޮޑަށް ހުރަސްތައް އެޅޭނެ ކަމަށެވެ.
ބިލާ އެކު މީޑިއާތަކަށް އެ މީހުން އަމިއްލައަށް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ބާރު ގެއްލި، ސަރުކާރުގެ ނުފޫޒާއި ބާރު މީޑިއާ ތެރެއަށް ވަދެ، ރާއްޖޭގެ މީޑިއާގެ މިނިވަންކަން އެތައް އަހަރެއް ފަހަަތަށް ސޮއްސާލައިގެންދާނެ ކަމަށް ވެސް އެމްޖޭއޭއިން ބުނެފައިވެ އެވެ.
އެމްޖޭއޭއިން އަންނަނީ އެ ބިލާ ދެކޮޅަށް އަޑު އުފުލައި، ޕެޓިޝަނެއް އެކުލަވާލަމުންނެވެ.


