ބ. އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް، ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުގެ ދަށުން 15 ބުރީގެ 12 ޓަވަރުގައި ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް އަޅާނެ އެވެ.
އެ ރަށުގައި 1000 ހައުސިން ޔުނިޓް އަޅަން ޗައިނާ ސިނޯހައިޑްރޯ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ރައީސް އޮފީހުގައި މިއަަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބެވެ. މި އަހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު އެ ދެ ފަރާތުން ވަނީ އެ ކަމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށް، އެ ފަހުމުނާމާގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މި މަޝްރޫއުގެ ދަށުން އޭދަފުށީގައި ތިން ކޮޓަރީގެ 336 ފްލެޓް އަދި ދެ ކޮޓަރީގެ 672 ފްލެޓް އަޅާނެއެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ އޭދަފުށީގައި 15 ބުރީގެ 12 ޓަވަރު އެޅުމަށް ކަނޑައަޅާފައިވާ މައިގަނޑު ސަބަބަކީ އެ ރަށަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާ ރަށެއްކަމުން، ބިމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ވާޓިކަލް ޑިވެލޮޕްމަންޓެއް މުހިންމުވާތީ ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް ހާއްސަ ސޯޝަލް ހައުސިން ކެޓަގަރީއެއް ތައާރަފުކޮށް ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިން ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަން ފަހިކޮށްދިނުމަކީ 'ދިވެހީންގެ ރާއްޖެ' މެނިފެސްޓޯގެ މުހިންމު އަމާޒެކެވެ.


