Tuesday, 28 July 2026
ކޮޕް 29 ގައި ރައީސް ތަގުރީރު ކުރައްވަނީ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގެއްލުންތަކަށް ފައިސާގެ އެހީ ބޭނުންވަނީ ޓްރިލިއަން ޑޮލަރުން: ރައީސް

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބޭއްވޭ އދ.ގެ 29 ވަނަ ބައްދަލުވުން (ކޮޕް 29) ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގެއްލުންތަކަށް ފައިސާގެ އެހީ ބޭނުންވަނީ ބިލިއަން ޑޮލަރުން ނޫންކަމަށާއި، ޓްރިލިއަން ޑޮލަރުން ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޚިޔާރުކުރަންވީ ދިރިއުޅުމަށް ބަދަލުތަކެއް ގެނައުމުގެ ރާސްތާ ކަމަށެވެ. އަދި މި ގެއްލުންތަކަށް ފައިސާގެ އެހީ ބޭނުންވަނީ ބިލިއަން ޑޮލަރުން ނޫންކަމަށާއި، ޓްރިލިއަން ޑޮލަރުން ކަމަށް ވިދާޅުވެ، މި ކަމަށް ބޭނުންވާ ފައިސާގެ އަދަދު ކަނޑައެޅުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ޙަޤީޤީ މިންގަނޑަށް ބަލަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ފަދަ ޤައުމުތަކުގެ ތަރައްޤީގެ އުންމީދުތަކަށް ހުރަސް އެޅެނީ އެކަށީގެންވާ މާލީ އެހީ ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި މި ކަމަށް އަވަސް ޙައްލެއް ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ތިމާވެށްޓާއި ކަނޑުތަކަކީ ޤައުމީ ސަގާފަތުގެ ބައެއް ކަމަށް ފާހަގަކުރައްވައި، އެ ކަންކަން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާ ހަކަތައިގެ ސިޔާސަތާއި، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އިޤްތިޞާދީ އިޞްލާޙުތަކަކީ ދެމެހެއްޓެނިވި ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، 2040 ވަނަ އަހަރާ ހަމައަށް މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭނެ ޤައުމެއް ބިނާކުރުމަށް 20 އަހަރުގެ ތަޞައްވުރެއް އެކުލަވާލައި، ނެރެން ނިންމާފައިވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ދަޢުވަތަކަށް ރިޔާދުގައި ބޭއްވުނު ޢަރަބި-އިސްލާމީ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ކުރައްވާ ދަތުރުފުޅެކެވެ.

މި އަހަރުގެ ކޮޕް 29 ގެ ޝިޢާރަކީ "އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް" އެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *