އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ކުރާ ހަލީމަތު ލަމްހާ، ބަންދުން ދޫކޮށްލަން މިއަދު ކުރިމިނަލް ކޯޓުން އަމުރުކުރުމުން، އެ އަމުރު އިސްތިއުނާފު ކުރުމަށް ނިންމައިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ކުރަނީ މޭރީ މަރާލި ކަމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.
މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ އެނގި ހުރެ މީހަކު މެރުގައި ބައިވެރިވުން، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުން ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. މަރުގެ މައްސަލައާ ގުޅިގެން ލަމްހާ ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
ލަމްހާ ދޫކޮށްލަން އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ވަނިކޮށެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ލަމްހާ ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރަން ނިންމާފައިވާ ކަމަށެވެ.
ލަމްހާ ބަންދުން ދޫކޮށްލީ އެކަމާއި ގުޅިގެން ޝަރީއަތުން ކަނޑައެޅި ޝަރުތުތަކާ އޭނާ އެއްބަސްވުމުންނެވެ. އެ ޝަރުތުތަކަކީ ގޭބަންދުގައި ހުންނަ މުއްދަތުގައި ޒަރޫރީ ކަމެއްގައި ނޫން ގެއިން ބޭރަށް ނުދިއުމަށާއި ގެއިން ބޭރަށް ދާއިރު ފުލުހުންގެ ހުއްދަ ހޯދުމަށެވެ. އަދި ވަނީ ރާއްޖެއިން ފުރައިގެން ނުދިއުމަށާއި، ގާނޫނާހިލާފު ކަމެއް ނުކުރުމަށާއި ކުރަން ނޫޅުމުގެ އިތުރުން ކޯޓަށް ހާޒިރުވާން އެންގުމުން އެ ގަޑިއަކަށް ކޯޓަށް ހާޒިރުވުމެވެ.


