ތިން ކޮމިޝަނެއްގެ އިސް ބޭފުޅުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި އެވެ.
މަޖިލީހަށް ހުށަހަޅާފައި ވަނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު އެ ކޮމިޝަނުގެ މެންބަރުކަމުން ވަކި ކުރުމަށެވެ. އަދި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އަދި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދުގެ އިތުރުން، އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ޑރ. މުހައްމަދު ޒާހިރު ވަކިކުރުމަށެވެ.
އެ މައްސަލަތައް އިތުރަށް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވިކަން ވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާންކުރައްވައިފަ އެވެ.
އެ ތިން ކޮމިޝަނުން މެންބަރުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ މެންބަރުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަގާމުގައި ހުރެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށެވެ.
މި މައްސަލަ ކޮމިޓީއަށް ފޮނުވާފައި ވާއިރު، މިނިވަން މުއައްސަސާތަކުގެ ތެރެއިން އޭސީސީއާއި އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ. މަޖިލީހަށް ހުށަހެޅި ދެ ބިލު ބަލައިގަނެ، އެ ބިލުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައެވެ.


