ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމަރްޝަދާ ބައްދަލުކުރައްވައިފިއެވެ.
ބައްދަލުވުން ބޭއްވުނީ ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ގުޅިފައިވާ އަރަބި އިސްލާމީ ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.
ބައްދަލުވުމުގައި ރާއްޖެއަށް މިވަގުތު އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ.
މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އަދި މަސްވެރިކަމުގެ ސިނާޢަތުގެ މަޝްރޫޢުތައް ހިމެނެއެވެ.
ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ ސީއީއޯ ވަނީ ރާއްޖެއަށް އެހީތެރިވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.


