Tuesday, 28 July 2026
ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ ހާލަތާމެދު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

ސައުދީ އަރަބިއްޔާގައި ބޭއްވުނު ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަލަސްތީނުގެ ހާލަތާމެދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރި އަމަލުތަކާއި ބާރުގަދަ ގައުމުތަކުގެ އިހުމާލުން ދައްކުވައިދެނީ ފަލަސްތީނު ރައްޔިތުންގެ ފުރާނައަކީ އަގެއްނެތް އެއްޗެއްގެ ގޮތުގައި ދެކޭކަމެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 50،000 އަށްވުރެ ގިނަ ފަލަސްތީނުންނާއި ލުބުނާނުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ މަރުވެފައެވެ. އަދި މިކަން މިގޮތަށް ދޫކޮށްލައިގެން ތިބެވޭކަށް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބައިނަލްއަގުވާމީ މުޖުތަމައުން އެމީހުންގެ ތާއީދު އިތުރުކުރަން ޖެހޭނެ، މާލީ ގޮތުންނާއި ސިޔާސީ ގޮތުންވެސް. އަމަލުގެ ކޮންމެ ފިޔަވަޅެއް، އޭގެ ކުޑަ ވިޔަސް ބޮޑުވިޔަސް މުހިންމު،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަކީ މުޅި އުއްމަތުގެ ހިތުގައި ޖެހޭ ޒަހަމެއް ކަމަށާއި، މިހާރު ކަނޑައެޅިގެން އަމަލު ނުކޮށްފިނަމަ ތާރީޚުން ހަރުކަށި ހުކުމްކުރާނެ ކަމަށެވެ. އަދި މި ސަމިޓަކީ އަޒުމު ހަގީގީ އަމަލަކަށް ބަދަލުކުރުމުގެ ނިޝާނަކަށް ވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *