ރާއްޖޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ މާލޭގެ ދަރުމަވަންތަ ހޮސްޕިޓަލް މި މަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން އިއުލާންކުރެއްވީ ރޭ ބޭއްވުނު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއެވެ.
އައިޖީއެމްއެޗާ އިންވެގެން އިމާރާތްކޮށްފައިވާ މި ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއެވެ. ނަމަވެސް މި ސަރުކާރުން މި ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ނިންމީ އެތަނުން ބޭނުން ކުރަމުން އަންނަތާ ފަސް އަހަރު ފަހުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ހަގީގީ ހޮސްޕިޓަލަކަށް ހަދައި، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހުރިހާ ފެސިލިޓީއެއް ގާއިމްކޮށްފައި ހުޅުވާނީއެވެ.
އަދި އިތުރަށް ވިދާޅުވީ، ފާއިތުވި ފަސް އަހަރު އެތަނުގެ ބޮޑުބައެއް ބޭނުން ނުކޮށް ހުރުމުގެ ސަބަބުން މެޝިނަރީތައް ހަލާކުވެ، މަރާމާތަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމަށެވެ.


