ރިޔާސީ އިންތިޚާބު އެއް ބުރުން ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދެވަނަ ބުރަކަށް ދާ ހާލަތުގައި އިޚްތިޔާރުކުރާނެ ކެންޑިޑޭޓެއް ފުރަތަމަ ބުރުގައި ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށާއި، ދެވަނަ ބުރުގެ ވޯޓުލުން އުވާލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މާނައަކީ އެއް ބުރުން ނިމޭނެއޭ. އެއް ބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެޓަރނީ ޖެނެރަލްއާ ހަވާލުކޮށްގެން މިހާރު އެކަމުގެ ދިރާސާ ކުރަމުންދާ ކަމަށާއި، އެއީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތްކަމަށްވާނަމަ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށެވެ. ރައްޔިތުން އެކަމަށް އެދޭނަމަ، އަންނަ ރިޔާސީ އިންތިޚާބުން ފެށިގެން އެއަށް ޢަމަލުކުރާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިޚާބު އެއް ބުރުން ބޭއްވުމުން ޚަރަދު ވެސް ބޮޑުތަނުން ކުޑަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެކުރިން ރައީސް ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކީ ބޭއްވުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ހުށަހެޅުމަށް ނިންމާފައިވާކަން އިޢުލާންކުރައްވާފައެވެ. ދެ އިންތިޚާބު އެކީ ބޭއްވުމުން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.


