މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރުމަށް ކުރީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އަންނަ ހަފްތާގައި އިއުލާންކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިޔާ "ޕީއެސްއެމް"ގައި ރޭ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، 4000 ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމްތައް އަލުން އިވެލުއޭޓް ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެހުރިހާ ފޯމެއް އިވެލުއޭޓްކޮށް ނިމުމުން އަންނަ ހަފުތާ ތެރޭގައި 4000 ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓެއް އިއުލާންކުރާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި ވަގުތީ ލިސްޓު އިއުލާންކުރުމަށްފަހު އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.
ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް މައްސަލައެއް ބެލި އެވެ. އެ މައްސަލަ ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ފްލެޓްތައް ހަވާލުނުކުރާތީ ފްލެޓް ލިބުނު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށް، ދޭތެެރެ ދޭތެރެ އިން އިހުތިޖާޖު ވެސް ކުރަމުންނެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން 4000 ފުލެޓް ހައްޤުވެރިފަރާތްތަކަށް ހަވާލުކުރާނެ ކަމަށެވެ.
"ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތު ވެސް ހުޅުވާލާފައި އެމަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފުލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން،" ހައިދަރު ވިދާޅުވިއެެވެ.
"ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބުނު މީހުންގެ ލިސްޓް އަލުން އިވެލުއޭޓް ކުރަމުންދާއިރު، "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުލުން ދާދިފަހުން ވަނީ ބާއްވާފަ އެވެ.


