މާލޭގެ ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި 12 މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެޗް9 ގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓުގައެވެ.
ފުލުހުން އެ އެޕާޓްމަންޓަށް ވަދެގަތްއިރު، 12 މީހުންގެ ގްރޫޕަކުން މީހަކު ރަހީނުކޮށް، އޭނާގެ ބޮލުގެ އިސްތަށި ބޭލުމަށްފަހު އިނގިލި ބުރިކުރުމަށް ތައްޔާރުވަމުން ދިޔަކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކުރެވުނު މީހުންނަކީ އުމުރުން 18 އަހަރާއި 48 އަހަރާ ދެމެދުގެ މީހުންނެވެ.
އެއީ އަލްމަން އަލީ ހާލިދު، 22 (ގދ. ވާދޫ، ވެހި)، މުހައްމަދު އިޒްކާން، 18 (މ. ހަތިކަނޑު)، އިޒާން އަހުމަދު، 18 (ޒުނައިޓް ވިލާ، ކ. ގުރައިދޫ) އަހުމަދު ޒާހިދު، 36 (ދަންމަރު، ށ. ފޯކައިދޫ)، އާދަމް ހުސެއިން، 48 (ޖަމީލާ މަންޒިލް، ލ. މާވަށް)، އިބްރާހިމް ނަޝީދު، 34 ހިޔާލީގުލްޝަން، ލ. އިސްދޫ)، އަހުމަދު ސަމީހު، 22 (ނައިޓްސްޓާ، ބ. ގޮއިދޫ)، އިސްމާއިލް ވިޝާމް މުހައްމަދު، 22 (ވ. ގާމާ)، ވިޝާމް މުހައްމަދު، 23 ( ޗިޗަންޑާގެ، ގދ. ވާދޫ)، ވިސާން މުހައްމަދު، 30 (ހުޅުމާލެ، ހިޔާ 14-17-03)، މުސްތާގް ޝާކިރު، 37 (ޖަނަވަރީގޭ، ގދ. ވާދޫ)، ހަސަން ގާލިބް، 38 (އާރެސް، މ. ކޮޅުފުށި) އެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ތިން މީހަކު 5 ދުވަހަށް އަދި އަނެއް 9 މީހުން 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ކުރިން ވެސް ފުލުހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ބަލައި ފާސްކޮށްފައިވާ އެޕާޓްމަންޓެއްގައި ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.
އެކަން ހިނގި ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.


