Tuesday, 28 July 2026

ރާއްޖޭގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދެނީ

ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާޙުކޮށްދެއްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އިފްތިތާޙުކުރެވުނު އޭޓީއެމްއަކީ އދ. އޮމަދޫގައި ޤާއިމުކުރެވުނު އޭޓީއެމެކެވެ.

އެގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން، މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

މިހާރު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި 250 އަށް ވުރެ ގިނަ އޭޓީއެމް ޤާއިމުކުރުމަކީ މި މަޝްރޫޢުގެ އަމާޒެކެވެ. މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މި މުހިންމު މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވަނީ ރައީސްއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *