ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫޢު މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި މަޝްރޫޢުގެ މަގްސަދަކީ އެސްޓީއޯއިން ކަނޑައަޅާ އަގުތަކުގައި ތެޔޮ އަދި ޑީސަލް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޯރުކޮށްދިނުމެވެ.
މި މަޝްރޫޢު ހިންގުމަށް ވަނީ ހަތަރު ފިޔަވައްސަކަށް ބަހާލެވިފައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން މިއަހަރު ހުޅުމާލޭގައި ވަނީ ތެޔޮ ރައްކާކުރުމުގެ ވަސީލަތްތައް ގާއިމުކުރެވިފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން އަންނަ އަހަރުގެ ފެބްރުއަރީ މަހު ތިން ރަށެއްގައި މި ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. އަދި އޮކްޓޯބަރު މަހު އިތުރު ފަސް ރަށެއްގައި މި ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. ބާކީ އޮތް 11 ރަށުގައި މި ވަސީލަތްތައް ގާއިމުކޮށް ނިންމުމަށް ވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ކަނޑައެޅިފައެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ އަގުތަކުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ މި ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި މަސްވެރިންނަށް ދިމާވެފައިވާ ހުރިހާ ދަތިތަކެއް ހައްލުކޮށްދެވޭނެ ކަމަށެވެ.
މި މަޝްރޫޢަކީ މަސްވެރިންނާއި އާންމު ރައްޔިތުންނަށް ތެޔޮ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެއް ފުއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


