Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ މާސްޓަރ ޕްލޭނަށް މަޝްވަރާ އާއި ޚިޔާލު ހޯދުމުގެ މަސައްކަތްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް އާދެވޭއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ ހޯދާފައިވާ ޤައުމަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒު ކަމުގައެވެ. މި ޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމުމަށް ވަނީ ރޭވިފައެވެ.

މި ޕްލޭންގައި ތަޢުލީމާއި، ޞިއްޙަތާއި، އިޖުތިމާޢީ ތަރައްޤީގެ ދާއިރާތަކުގެ އިތުރުން، ޑިޖިޓަލް އިކޮނޮމީ ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. 2030 ވަނަ އަހަރާ ހަމައަށް އާދެވޭއިރު ޑިޖިޓަލް އިކޮނޮމީގެ ނިސްބަތް ޤައުމުގެ އުފެއްދުންތެރިކަމުގެ 15 އިންސައްތައަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ތަރައްޤީގެ ޕްލޭނާ އެކު، ޤައުމީ ތަރައްޤީއާ ގުޅޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ޤައުމަށް އިތުރު ތަރައްޤީ ގެނެސް، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *