"ގައުމީ ކުޅިވަރު ފަންޑު" ގެ ނަމުގައި ފަންޑެއް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އެފަދައިން ނިންމެވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، އެ މަޖިލީހުގެ ލަފަޔާއެކުކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
އެގޮތުން ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު ހުށަހެޅުއްވި، ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރެއްވުމަށް ރައީސް ނިންމެވީ ދިވެހި ކުޅުންތެރީންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމަށާއި ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގުސަދުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ފަންޑު ގާއިމުކުރުމަށްޓަކައި ކުޅިވަރުގެ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރަން ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.


