މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ފަހިކޮށް ދޭން ސަރުކާރުން "ހިޔާވަހި ފައިނޭންސް ސްކީމް" މިއަދު އިފުތިތާހުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން މި ސްކީމް ތައާރަފްކުރީ އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސްކީމާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ މިއީ ވަރަށް ގިނަ ބަޔަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކުން އަރައި ގަތުމަށް މަފުފަހިކޮށް ދޭނެ ސްކީމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބޯހިޔާވަހިކަމެއް ލިބިފައި ނުވާ އެންމެނަށް އެކަށީގެންވާ ބޯހިޔާވަހި ކަމެއް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިއްމު ވަޢުދެއް ކަމަށެވެ.
" ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރު ނޭޅި ތިބި ފަރާތްތަކަށް %5 ސާރވިސް ޗާޖެއްގައި ފައިސާ ދޫކުރުމަށް އެކުލަވާލާފައިވާ ހިޔާވަހި ފައިނޭންސް ސްކީމް. ސްކީމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށްގިނަ އާއިލާތަކަކަށް ގެ ދޮރުގެ ތަނަވަސްކަން ލިބިގެންދާނެކަމަށް ގަބޫލުކުރަން،" ހައިދަރު ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ މި ސްކީމަށް ހުށަހެޅޭނީ އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހި ކަމެއް ނެތް މީހުންނަށް ކަމަށެވެ.
ހިޔާވަހި ފައިނޭންސް ސްކީމް" ގައި ތިން ކެޓަގަރީއެއް ހިމެނޭއިރު، ހުރިހާ ރަށެއް ހިމެނޭ ގޮތަށް އެއްމިލިއަންގެ އަދަދަކަށް ހިމެނޭ ހައުސިން ވަސީލަތްތަކާއި، ހައުސިން ލޯނު ވަސީލަތްތަކާއި، މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަންއާއި، އާރބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަންގެ ވަސީލަތްތައް ކަމަށް ހައިދަރު ވިދާޅުވިއެވެ.
ހިޔާވެހި ރަށްވެހި ވަސީލަތަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ޝަރީޢާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި "ނޮމިނަލް ކޮންޓްރިބިޔުޝަން" އެއް ދައްކަން ޖެހޭނެއެވެ.
"ހިޔާވަހި ފައިނޭންސް ސްކީމް" ގައި ހިމެނޭ ވަސީލަތްތަކަށް ޝަރުޠު ހަމަވަ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ އެވެ.


