Wednesday, 29 July 2026

ހުޅުމާލޭގައި ސައްހަ ވިސާއެއް ނެތި ހަރަކާތްތެރިވަމުންދިޔަ 7 ބިދޭސީން ހިފަހައްޓައިފި

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 7 ބިދޭސީން އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި މި މީހުން ހިފަހައްޓާފައިވަނީ އޮކްޓޫބަރު 31 އަދި ނޮވެންބަރު 1 ވަނަ ދުވަހު ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އިންސްޕެކްޝަނެއްގެ ތެރެއިންނެވެ. އެގޮތުން މި އިންސްޕެކްޝަންގައި ސައްހަ ވިސާއެއް ނެތި ހަރަކާތްތެރިވަމުންދިޔަ 7 ބިދޭސީ ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުރާސްފަތި ދުވަހުވެސް ވަނީ ހުޅުމާލޭގައި ވެހިކަލް ދޮވެ ސާފުކުރުމަށް ބިދޭސީން ތިބޭ 5 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އަދި މި އިންސްޕެކްޝަންގައި ގަވާއިދާ ޚިލާފަށް ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 5 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެގެންގޮސްފައެވެ.

ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މިއަހަރު ވަނީ އަމާޒު ހިފާފައެވެ. އަދި އެގޮތުން މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު 4000އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންދިޔަ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ފުރުވާލި ފަރާތްތަކުގެ އިތުރުން އިމިގްރޭޝަނުން ނޯޓިސްދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *