Wednesday, 28 October 2026
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު

އަންހެނުން ބާރުވެރިކުރުވުމަށް ވަކާލާތުކުރައްވާ، މެޑަމް ސާޖިދާ ވާހަކަފުޅުދައްކަވައިފި

ސިއްހީ ހިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، ތައުލީމު ކުރިއެރުވުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުން ދިނުމުގެ މުހިންމުކަމަށް ވަކާލާތުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވާހަކަފުޅުދައްކަވައިފިއެވެ.

އެކަމަނާ މިފަދައިން ވަކާލާތު ކުރައްވާފައި ވަނީ، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގައި ބޭއްވި ހައިލެވެލް ފަސްޓް ލޭޑީސް ޕެނަލްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން ކުރެއްވި ކީނޯޓް ތަޤުރީރުގައެވެ.

މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، މެރކް ފައުންޑޭޝަނުން ކުރިއަށް ގެންދާ "މޯރ ދޭން އަ މަދަރ" ކެމްޕެއިން ހަރަކާތްތަކަށް ތައުރީފު ކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވީ ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގައި އަދިވެސް ވަރަށް ހައްސާސް ކަމެއް ކަމަށާއި، މިއާ އެކުގައިވެސް އަންހެނުންނަކީ މުޖުތަމައު ބިނާ ކުރުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައިއަޅައިގެން އުޅެމުންދާ ބައެއް ކަމަށެވެ. އާސަންދަ ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމްގެ ތެރެއިން ފަރުވާ ފޯރުކޮށްދީ، އައިވީއެފް ފަދަ އެސިސްޓެޑް ރިޕްރޮޑަކްޓިވް ޓެކްނޮލޮޖީސް (އޭއާރްޓީ) އިތުރަށް ފަސޭހަކޮށްދިނުމަށް އަދުގެ ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، "މޯރ ދޭން އަ މަދަރ" ކެމްޕެއިން ރާއްޖެއަށް ތަޢާރަފްކުރެއްވުމަށް ބޭނުންފުޅުވާކަމަށާއި، މި ކެމްޕެއިންގެ ސަބަބުން ދަރިމައިވުމާ މެދު މުޖުތަމަޢުގެ ވިސްނުން އަދު ހުރި ގޮތް ބަދަލުވެ، ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދުޅަހެޔޮ، ހަމަހަމަ ދުނިޔެއެއް ބިނާކުރުމަށްޓަކައި، މެރކް ފައުންޑޭޝަނާ ގުޅިގެން އިތުރަށް މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *