ދައުލަތުގެ އެއްވެސް މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާފައި ނުވާނެކަމަށާއި، ކުރިއަށް އޮތްތާނގައިވެސް އެފަދަ ކަމެއް ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިމިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ކުރެއްވި ކަމެއް ނޫންކަމަށެވެ. އަދި ކުރިޔަށް އޮތް ތާނގައިވެސް އެފަދަ ކަމެއް ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ބިލުތަކުގައިވާ ގޮތުން ކޮމިޝަންގެ ރައީސް ނުވަތަ ނާއިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ. އަދި އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ، ނާއިބުރަ އީސް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.


