ސަރުކާރުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމުގެމުގެ ނިންމުމަށް ބަދަލު ގެނެސްފިއެވެ. މިގޮތުން، ޕްރޮފެޝަނަލް ކެޓަގަރީގެ މުވައްޒަފުންގެ މުސާރައިން އުނި ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވަނީ ހާމަކުރައްވާފައެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، އިންޖިނިއަރުންފަދަ ޕްރޮފެޝަނަލް މުވައްޒަފުންގެ މުސާރަ ދަށްކޮށްފިނަމަ، އެފަދަ މުވައްޒަފުން އެހެން ވަޒީފާތަކަށް ދިޔުމުގެ ފުރުސަތު އޮތުމާއެކު، ކުންފުނިތައް ހިންގުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
މި ނިންމުމަކީ ބައެއް ޕައިލެޓުންނާއި އިންޖިނިއަރުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދިޔަ ދަނޑިވަޅެއްގައި އައި ބަދަލެކެވެ.
އެހެންނަމަވެސް، ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ގިނަ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމުގެ ނިންމުން ދެމިއޮތްކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ މުސާރައިން 50 ޕަސެންޓް ނުނަންގަވަން ނިންމަވާފައެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.


