Tuesday, 28 July 2026
މިދިޔަ ބުރާސްފަތި ދުވަހު އަތުލައިގަތް ސިގިރޭޓްތައް

ސިނގިރޭޓް ވަގަށް އެތެރެކުރި މައްސަލާގައި ހޯކްސްގެ މުވައްޒަފުން ސަސްޕެންޑްކޮށްފި

ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރަން އުޅުނު މައްސަލާގައި ތުހުމަތުކުރެވޭ މުވައްޒަފުން މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް (ދަ ހޯކްސް) އިން މިއަދު ހާމަކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ 1.695 މިލިއަން ސިނގިރޭޓު ސްޓިކްސް އަތުލައިގަނެފައިވާކަމަށް ބުނެފައެވެ. މި ތަކެތި ރާއްޖެ ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު "އެމްޓީ ހޯކްސް ޖަވާހިރު" ނަމަކަށް ކިޔާ ބޯޓަކުންނެވެ. އަދި އެ ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ "ހޯކްސް ރޯދި" ނަމަކަށް ކިޔާ ދޯންޏަކަށް މި ތަކެތި އަރުވައިގެން ކ. ތިލަފުއްޓަށް ގެންދިޔަ ކަމަށް ބެލެވެއެވެ.

ހޯކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ކުންފުނިން އިދާރީ ގޮތުން ތަޙްޤީޤުތައް ކުރަމުންދާ ކަމަށެވެ. އަދި ކެމެރާ ފުޓޭޖްތައް ބެލިބެލުމުން ބައެއް މުވައްޒަފުން ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ މަންފާއަށް ޣައިރު ޤާނޫނީ ޙަރަކާތްތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށެވެ.

ހޯކްސްއިން އިތުރަށް ބުނެފައިވަނީ ތުހުމަތު ކުރެވުނު މުވައްޒަފުން ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާ ބެހޭ ތަޙްޤީޤީ އިދާރާތަކަށް މި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށްވެސް ހޯކްސްއިން ބުނެފައިވެއެވެ.

ހޯކްސްއަކީ ތެޔޮ އެތެރެކޮށް ވިޔަފާރިކުރުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާއިރު، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ ވިޔަފާރިއެއްގައި އެ ކުންފުނިން ބައިވެރިނުވާ ކަމަށާއި، އެފަދަ އެއްވެސް ޝައުޤުވެރިކަމެއް ނެތް ކަމަށްވެސް ހޯކްސްއިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *