Tuesday, 28 July 2026

ޕީއެންސީއަށް މީހުން ވެއްދުމަށް ސަރުކާރުން ނާޖާއިޒު ނުފޫޒު ފޯރުވަމުންދާކަމަށް އެމްޑީޕީން ތުހުމަތުކޮށްފި

ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށްޓަކައި ސަރުކާރުން ނާޖާއިޒު ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީއެންސީއަށް މެންބަރުން ވެއްދުމަށް ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާތީ ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރުން، ވަޒީފާގެ ބިރުދައްކައިގެން ޕީއެންސީއަށް މީހުން ވައްދަމުންދާ ކަމުގެގެ ޝަކުވާތައް ލިބެމުންދާ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ސަރުކާރުގެ އިމާރާތްތަކުގައި އަދި މަސައްކަތުގެ ރަސްމީ ގަޑިތަކުގައި ޕީއެންސީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ބައެއް ތަންތަނުގައި މަސައްކަތަށް ދަތިވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ބެލުމަށް އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. އެގޮތުން، ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައިވާ އާންމު ރައްޔިތުންގެ ޒާތީ މަޢުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވައްދަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ޤާނޫނީ ފިޔަވަޅު އެޅުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަމިޝަނަށް ގޮވާލާފައިވެއެވެ. އަދި ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަޙުޤީޤުކުރުމަށްވެސް އެމްޑީޕީން ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *